ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމަކީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން، 2009 ވަނަ އަހަރު ތައާރަފު ކޮށްފައިވާ މަލްޓިޕިލަރ ޕެންޝަން ނިޒާމެކެވެ. މި ނިޒާމު އެކުލެވިގެންވަނީ މައިގަނޑު ދެ ޕެންޝަން ސްކީމެއްގެ މައްޗަށެވެ. އެއީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.
ޕެންޝަން ނިޒާމުގެ މައިގަނޑު ސިފަތައް
ފަރުމާ
މި ނިޒާމު އެކުލެވިގެންވަނީ މައިގަނޑު ތިން ތަނބެއްގެ މައްޗަށެވެ. މިއިން ކޮންމެ ތަނބަކީ ވެސް ވަކި މަގުސަދެއް ހާސިލްކުރުމަށް މިނިޒާމުގެ ފަރުމާގައި ހިމެނިފައިވާ ތަނބެކެވެ. އެގޮތުން ފުރަތަމަ ތަނބުގެ މަގުސަދަކީ އިސްރަށްވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ އިސްރަށްވެހިންގެ މެދުގައި ފަޤީރުކަން ނައްތާލުމަށް މަސައްކަތްކުރުމެވެ. ދެވަނަ ތަނބުގެ ދައުރަކީ މަސައްކަތްތެރިންނަށް ރިޓަޔަރކުރުމުގެ ކުރިން ލިބެމުން ދިޔަ މުސާރައިގެ ކަނޑައެޅޭ މިންވަރެއް ރިޓަޔަރމަންޓަށް ފަހު ޕެންޝަނުގެ ގޮތުގައި ލިބޭނޭ މިންވަރަށް ދުރާލައި ފައިސާ ރައްކާ ކުރެވޭނެ މަގު ފަހިކުރުމެވެ. ތިންވަނަ ތަނބުގެ ބޭނުމަކީ ކަނޑައެޅޭ ރިޓަޔަރމަންޓް އާމްދަނީއެއް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.
ކަވަރޭޖް
މިނިޒާމުގައި ހިމެނޭ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ މެންބަރުންނަށް ސްކީމު މެދުވެރިކޮށް ރައްކާކުރެވޭ ފައިސާއިން ޕެންޝަން ފޯރުކޮށް ދިނުމާއެކުއެކީ، ސްކީމު މެދުވެރިކޮށް ޕެންޝަނަށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު ނުލިބޭ މީހުންނާއި، ރައްކާކުރެވޭ ފައިސާއިން އެކަށޭނަ ޕެންޝަނެއް ނުލިބޭ މީހުންނަށް ޕެންޝަން ލިބޭ އުމުރު ހަމަވުމުން އަސާސީ ޕެންޝަން ފޯރުކޮށްދެއެވެ.
ހިންގުން
ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު ހިންގުމުގެ ޒިންމާ އަދާކުރަނީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން މިނިވަން މުވައްސަސާއެއްގެ ގޮތުގައި އުފެދިފައިވާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) އިންނެވެ. ޕެންޝަން އޮފީހުގެ މަސައްކަތްތަކަކީ ގަވާއިދުން މޮނިޓަރކޮށް ނަތީޖާ ވަޒަންކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ މަސައްކަތްތަކަކަށްވުމުން މިނިޒާމު ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް އެހީތެރިވެދެއެވެ.
ކަވަރޭޖް
ވަޒީފާއަދާކުރާ މީހުން
ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ އުމުރުން 16 އަހަރާ 65 އަހަރާ ދެމެދުގެ ދިވެހި މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ލިބެއެވެ.
އަމިއްލަ މަސައްކަތްކުރާ މީހުން
އަމިއްލަ މަސައްކަތްކުރާ މީހުންނަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަމިއްލަ ގޮތުން ބައިވެރިވެ ޕެންޝަނަށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ.
ރިޓަޔަރީން
އުމުުރުން 65 އަހަރު ފުރުމުން މި ނިޒާމުގެ ތެރެއިން ޕެންޝަން ފޯރުކޮށްދެވެއެވެ. މީގެ އިތުރުން 55 އަހަރު ފުރުމުން ޕެންޝަން ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް 55 އަހަރު ފުރުމުން ޕެންޝަނަށް ނަގަން ފެށުމުގެ ފުރުސަތުވެސް އޮވެއެވެ.