Media cover image

26-02-2024

ފަންނުވެރިކަމުގެ ތެރެއިން ދަރިވަރުންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގެ ޕެންޝަން އޮފީހުން ކުރިއަށް ގެންދާ 'ފައިނޭންސް ޑޫޑުލް ބޯޑް ފޯ ސްޓޫޑެންޓްސް' ހަރަކާތުގެ ފުރަތަމަ ބޯޑު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް) ގައި ބަހައްޓައިފި އެވެ.

މިއީ ދަރިވަރުންގެ މެދުގައި ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ކަންކަމާ ގުޅޭ އަސާސީ މައުލޫމާތުތައް ފެތުރުމުގެ މަގުސަދުގައި ޕެންޝަން އޮފީހުން ކުރިއަށް ގެންދާ "ފައިނޭންޝަލް ޑޫޑްލް ބޯޑްސް ފޯ ސްޓޫޑެންޓްސް" ސިލްސިލާގެ ދަށުން ބެހެއްޓި ފުރަތަމަ ބޯޑެވެ.

ޖީއައިއެސްގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި ހަރަކާތް އިފްތިތާހުކޮށްދެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމެވެ.

ފައިނޭންޝަން ލިޓެރަސީ އާލާކުރުމުގެ ވަސީލަތެއްގެ ގޮތުގައި މި ހަރަކާތުގެ ތެރެއިން ޑޫޑުލްގެ ބޭނުން ހިފަނީ, މިއީ ހިޔާލާއި, ވިސްނުން ފާޅުކުރުމަށް ދަރިވަރުންގެ މެދުގައި މަގުބޫލު ހަރަކާތަކަށް ވާތީވެ އެވެ.

މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ޕާސަނަލް ފައިނޭންސް މެނޭޖްކުރުމުގައި ފުރަތަމަ ފިޔަވަޅު އެޅުމަށް ދަރިވަރުންނަށް ހިތްވަރުދީ އެކުދިންގެ މެދުގައި ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމެވެ. ޑޫޑުލް ފަދަ ހަރަކާތެއްގެ ތެރެއިން މިފަދަ ކަންކަން ދަސްކޮށްދިނުމުން, އުނގެނުމުގެ އެ ތަޖުރިބާ ހިތްހަމަޖެހުމަކަށްވެ ގިނަ ދުވަސްތަކަށް ސިކުނޑީގައި އެކަންކަން ހަރުލާފައި ހުންނާނެ އެވެ.

ޖީއައިއެސްގައި ބޭއްވި އިފްތިތާހީ އެސެމްބްލީ އަށް ފަހު އެ ސްކޫލުގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުން ވަނީ ސްޓިކީ ނޯޓްތަކުގައި ކުދިކުދި ނަމަވެސް ޝައުގުވެރި އަދި އެހާމެ ހިތްގައިމު ޑޫޑްލްސް ސްކެޗްކޮށް ބޯޑުގައި ތަތްކޮށްފަ އެވެ. ޕެންޝަން އޮފީހުން ފަހުން އެ ކުރެހުންތައް ޑިޖިޓަލައިޒްކުރާނެ އެވެ.

ޕެންޝަން އޮފީހުން ވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިފަ އެވެ. އެގޮތުން ކަނޑައެޅޭ ތަފާތު މައުލޫތަކަށް, ޑޫޑުލްކުރަހައި, އެންެމެ ފުރިހަމަ ބޯޑެއް ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ,

މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރަން ޖެހޭނެ އެވެ. އޭގެ ފަހުން ބޯޑު ހަރުކޮށް, މި ހަރަކާތާ ބެހޭގޮތުން ދަރިވަރުންނަށް އިރުޝާދުދީ, ކުދިންނަށް ބައިވެރިވެވޭ ގޮތަށް އާއްމުކޮށް ހުޅުވާލައިގެން ހަރަކާތް ހިންގޭނެ އެވެ. ޕެންޝަން އޮފީހުން ނިންމާފައިވަނީ އެންމެ ފުރަތަމަ ހުށަހަލާ ފަސް ސްކޫލަކަށް, މި ބޯޑު ހަރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭށެވެ,