އުމުރުން ދުވަސްވީ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް ހުނަރުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ޕެންޝަން އޮފީހުގެ ފަރާތުން ކުރިއަށްގެންދާ "ޑިޖިޓަލް މަންސާގައި ހޭލުންތެރި އިސްރަށްވެހިން" ޕްރޮގްރާމުގެ ސެޝަނެއް ފުވައްމުލަކު ސިޓީގައި ބާއްވައިފިއެވެ.
16 ސެޕްޓެންބަރު 2025 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މި ސެޝަން ހާއްސަވެފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާ ބެހޭ އަސާސީ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އެގޮތުން، މި ސެޝަންގައި އަމަލީ ހަރަކާތްތަކާއި މަޝްވަރާގެ ތެރެއިން އާންމުކޮށް ބޭނުންކުރާ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އެޕްލިކޭޝަންތަކާ ބެހޭ އަސާސީ މައުލޫމާތުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ.
މި ޕްރޮގްރާމް ހިމެނެނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ޑިޖިޓަލް އަދި މާލީ ހުނަރުވެރިކަން އިތުރުކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.